ރާއްޖެތެރޭ މީހުންނަކީ ދަށްފަންތީގެ ނާތަހުޒީބު ބައެއް ކަމަށް ދައްކައިގެން މުއިއްޒު ޕްރޮމޯޓް ކުރަން ވީޑިޔޯއެއް ހަދައިފިއެވެ. މި ވީޑިޔޯ ހަދާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސްޕޮންސާގެ ގޮތުގައި މަހަކަށް އެތައް ލައްކައެއް ނަގައިގެން ރައީސް އޮފީހުގައި ތިބޭ ބަޔަކު ހިންގާ ސައިޓަކުންނެވެ.
އެތައް ދުވަހެއް ބަންދު ކޮށްގެން އޮތުމަށްފަހު މާލޭ ބޭރު މަގުގެ ތަންކޮޅެއްގައި ތާރަ އަޅާލެވިގެން ރައީސް މުއިއްޒު ބޮޑު ޕްރޮޖެކްޓެއް ގޮތުގައި އެކަން ފާހަގަ ކޮށްފައިވާ އިރު، މި ވީޑިޔޯ ހަދާފައިވަނީ ވެސް އެކަމަށެވެ.
އައްޕާ މީބޫ މާލެއާ...
މި ނަމުގައި އަލަށް ރާއްޖެތެރެއިން މާލެ އަށް އަންނަ މީހަކީ ނިކަމެތި ނާތަހުޒީބު، ރާއްޖެތެރޭ މީހުންނަކީ ދަށްފެންވަރުގެ ބަޔަކުކަން ދައްކައިގެން ހަދާފައިވާ މި ވީޑިޔޯ ކުޅެފައިވަނީ އެ ނޫހަށް ނިސްބަތްވާ މާލޭ ބަޔެކެވެ.
ބަލާލަން ނުކެރޭ ވަރަށް "ކްރިންޖީ" މި ވީޑިޔޯ އާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި މުއިއްޒަށް އިތުރަށް ނުރުހުން ލިބިފައިވެއެވެ. މި ވީޑިޔޯގެ ސަބަބުން މުއިއްޒުގެ ސަޕޯޓު އިތުރަށް ގެއްލިގެން ގޮސްފައިވާކަން ސޯޝަލް މީޑިޔާއިން ފާހަގަ ކުރެވުނެވެ.
ބައެއް ފަރާތްތަކުން ހާއްސަކޮށް މަޝްހޫރު ލޯޔަރު ހަމްޒާ ވަނީ އާދޭހާއި އެކު މި ވީޑިޔޯ ނެގުމަށް އެދިފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ އަރިސް މި މީޑިޔާ ހިންގާ ފަރާތްތަކުން މި ވީޑިޔޯ ނަގާފައި ނުވެއެވެ.
ރަށްރަށުގެ މީހުންނާއި މެދު ތަފާތުކުރުން ބޮޑުކޮށް ސަރުކާރުން ދަނީ އެމީހުންގެ ތަރައްޤީ ނިގުޅައިގަންނަމުންނެވެ. މި ގޮތުން ބާރުތައް ހަނިކޮށް، އަތޮޅު ކައުންސިލްތައް އުވާލައި ރަށްރަށަށް އޮތް ބާރުތައް ރައީސް މުއިއްޒު ވަނީ ނަންގަވާފައެވެ.

